ކީރިތި ޤުރްއާނާ ގާތް ޖީލެއް ބިނާކުރުމަކީ މުޅި މުޖުތަމަޢުގެ ޒިންމާއެއް: ނައިބު ރައީސް
11 ސެޕްޓެމްބަރު 2026 - 03:59

ކީރިތި ޤުރްއާނުގެ ޢިލްމު އުނގަންނައިދީ، ކުދިންގެ ހިތްތަކުގައި ޤުރްއާން ކިޔެވުމުގެ ރިވެތި އާދަ އަށަގަންނުވައި، ބޮޑުވަމުން އަންނަ ޖީލަކީ ކީރިތި ޤުރްއާނާ ނުހަނު ގާތް ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ މުޅި މުޖުތަމަޢު އަދާކުރަންޖެހޭ މުހިންމު ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް އިފުތިތާޙުކުރުމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ، ކީރިތި ޤުރްއާން ތިލާވަތުކުރުމާއި އެ ފޮތުގެ މަތިވެރި ޢިލްމު އުނގެނުމުގައި ދެމިތިބުމަށް މުބާރާތުގެ ބައިވެރީންނަށް އިލްތިމާސްކުރައްވާފައެވެ. އަދި މިފަދަ ޤައުމީ މުބާރާތަކީ މި މުހިންމު ޒިންމާ ފުރިހަމަކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެއްވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ތިމާ އާއި ކީރިތި ޤުރްއާނާ އޮތް ގުޅުމަކީ ވަކި މުބާރާތަކުން ނިމިގެންދާ ކަމެއް ނޫންކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި ބައިވެރީންގެ ޢަމަލުތަކާއި ސުލޫކަކީ ޤުރްއާނުގެ އަލީގައި ބައްޓަންވެފައިވާ ރިވެތި ސިފަތަކަކަށް ހަދައި، ޤައުމާއި މުޖުތަމަޢަށް ނަމޫނާ ޚިދުމަތްތެރި ދަރިންތަކަކަށް ވުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން، މުބާރާތުގެ ނަތީޖާއަށްވުރެ ބޮޑަށް، ކުދީންގެ ހިތްތަކުގައި ޤުރްއާނަށް އޮތް ލޯބި ދެމެހެއްޓުމަށް ބާރުއެޅުއްވުމަށް ބެލެނިވެރިންނަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އިސްލާމީ ތަޢުލީމާއި ޤުރްއާނުގެ ޢިލްމު ފުޅާކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޒަމާނީ ފެންވަރުގެ ޤުރްއާނާ ބެހޭ މަރުކަޒުތައް ޤާއިމުކުރުމާއި މުދައްރިސުން ތަމްރީނުކުރުމުގެ ފުރުޞަތުތައް އިތުރުކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
މި އަހަރުގެ މުބާރާތްވެސް މިދިޔަ އަހަރެކޭ އެއްގޮތަށް 3 ބުރަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، މާލޭގެ އިތުރުން ރާއްޖޭގެ 20 ސަރަޙައްދެއްގައި މުބާރާތުގެ އޮޑިޝަން ބުރު ވަނީ މިއަހަރުގެ ޖޫން އަދި ޖުލައި މަހު ބާއްވާފައެވެ. ސެމީ ފައިނަލް ބުރަށް ހޮވުނު 379 ބައިވެރީންގެ ކިޔެވުން ސެޕްޓެންބަރު 11 އިން 14 ގެ ނިޔަލަށް ކުރިއަށްދާނެއެވެ. އަދި ފައިނަލް ބުރަށް ހޮވޭ 150 ބައިވެރީންގެ ކިޔެވުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރު މަހުގެ 16 އިން 17 ގެ ނިޔަލަށެވެ.


