ރ. ފުއްގިރި މުއާމަލާތަކީ ރައީސް ޔާމީނަށް ފައިސާ ހޯދަން ހިންގި ކަމެއް: ޕީޖީ
12 އޮކްޓޯބަރު 2026 - 14:13

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފައިސާ ހޯދުމުގެ ބޭނުމުގައި ހިންގާފައިވާ ކަމެއް ކަމަށާއި، އެމްއެމްޕީއާރްސީގެ މުޅި ހިޔާނާތް ހިންގާފައިވަނީ އެމަނިކުފާނުގެ ސީދާ އިރުޝާދުގެ މަތިން ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އިން ކޯޓުގައި ބުނެފި އެވެ.
ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރެއްވި ކަމަށް ތުހުމަތުކޮށް ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ހުލާސާ ބަޔާން އިއްވުމުގެ މަޖިލިސް މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ބާއްވާފަ އެވެ.
.png&w=750&q=75)
Ad by Hajj Corporation
އެ މަޖިލީހުގައި ދައުލަތުގެ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ، އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އަމަލީ ގޮތުން ހިންގިކަން ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އެ މަގާމާއި ޓޫރިޒަމް މިނިސްޓްރީގެ ބޮޑެތި ޒިންމާތަކެއް ދެއްވީ ކޮރަޕްޝަން ހިންގާކަމުގެ މައުލޫމާތު ލިބެމުންދަނިކޮށް، ރައީސް ޔާމީންގެ އަމިއްލަފުޅު އިރުޝާދުގެ މަތިން ކަމަށެވެ. އަދި ޔާމީން އަދީބަށް އިންތިހާއަށް އިތުބާރު ކުރައްވާފައިވާއިރު، އެ އިތުބާރު ގުޅިފައިވަނީ ފައިސާއާ ކަމަށް ވެސް ދައުލަތުން ފާހަގަކުރި އެވެ.
މީގެ އިތުރުން، ރައީސް ޔާމީން އަންގަވައިގެން 17 މިލިއަން ރުފިޔާގެ ނަގުދު ފައިސާ އޭރު އެމަނިކުފާނު ދިރިއުޅުއްވި ހިލާލީގެއިން ނެރުނު ކަމަށް ހެކިވެރިއަކު ޝަރީއަތުގައި ބުނެފައިވާ ކަމަށް ވަކީލު ވިދާޅުވި އެވެ.
ފުއްގިރި މުއާމަލާތާ ގުޅޭގޮތުން ދައުލަތުން ބުނީ، އެ ރަށަކީ 5 މިލިއަން ޑޮލަރުގެ އަގުހުރި ރަށެއް ކަމަށާއި ނަމަވެސް އެ ރަށް ދޫކޮށްފައިވަނީ 1.5 މިލިއަން ޑޮލަރަށް ކަމަށެވެ. އަދި ރަސްމީ އަގުގެ ގޮތުގައި 4 ލައްކަ ޑޮލަރު ދެއްކުމަށްފަހު، ބާކީ ބައި ޔާމީނާއި ޕީޕީއެމްއަށް ވެއްދުމަށް ރޭވި ނަމަވެސް، ފަހުން ގާނޫނީ މައްސަލަތައް ނުކުމެދާނެތީ ދުބާއީގެ ކުންފުނިން އެކަމަށް އެއްބަސްވެފައި ނުވާ ކަމަށް ދައުލަތުން ހާމަކުރި އެވެ.
މި މައްސަލައިގެ ހުލާސާ ބަޔާން އިއްވައި ނިމިފައިވާއިރު، ގާނޫނުގައިވާ ގޮތުން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި މި މައްސަލައިގެ ހުކުމް އިއްވަން ޖެހޭނެ އެވެ.

-01.jpg&w=3840&q=75)
