މެޒޯގެ "ތި ހަނދާންތަކެއް" ދިވެހީންގެ ހިތުން ދުވަހަކު ވެސް ނުފިލާނެ
.png&w=3840&q=75)
މުޙައްމަދު މާޖިދު (މެޒޯ) -- ފޮޓޯ: އަވަސް
.jpg&w=3840&q=75)
13 ފެބްރުއަރީ 2025 - 05:37
އަޅުގަނޑުގެ އުމުރުން އެހާ ދޮށްޓެއް ނޫނެވެ. އެހެންކަމުން އެންމެ ކުޑައިރުއްސުރެ ވެސް މުހައްމަދު މާޖިދު ނުވަތަ މެޒޯ އަކީ އަޅުގަނޑުގެ އެންމެ "ފޭވަރިޓެވެ". އެނާގެ ލަވަތަކުގެ ތަފާތުކަން ފެނިއެވެ. މެޒޯގެ އަމިއްލަ ރާގާއި، ޅެމާއި، ލަވައިގެ އަމިއްލަ ވަންތަކަމުގެ ފަންނުވެރިކަމަކީ މެޒޯ އާއި ރާއްޖޭގެ އެހެނިހެން ފަންނުވެރިންނާ މެޒޯ އާއި، އަޅުގަނޑު ގާތު ތަފާތުވި ކަމެވެ. ވަކިން ޚާއްސަކޮށް، މެޒޯ ނިޔާވި ޚަބަރު އިއްޔެ އިވުމާއެކު ވެސް، މެޒޯގެ "ތި ހަނދާނުގައި" ހިތަށް ވެރިވީ އެ ސަބަބާ ހުރެއެވެ.
އުމުރުން 59 އަހަރުގައި މެޒޯ މި ދުނިޔެ ދޫކޮށް ދިޔަ ނަމަވެސް، މެޒޯގެ ހަނދާންތަކެއް ދިވެހީންގެ ހިތްތަކުން ފިލައިގެނެއް ނުދާނެއެވެ. ހަމަ މެޒޯގެ ރާގައި ޅެމުގައި ވީހެން، "ދާނޭހޭ ތި ހަނދާން ފިލާ، ވޭނާ ހޫނާ ދޫކޮށްފައި، ވާނޭހޭ އުފަލެއް ހިލާ، މާޒިވީ ދުވަހާ ނުލާ، ހަމަހިމޭންކަން މަތީ ލޯމަރާލާ ހިތުން، ކެތް މަދުވެފައި ހުރެވެނީ، ތި ހަނދާނުގައި"އެވެ.
90ގެ އަހަރުތަކުގައި ގަލޮޅުން އިވުނު ގުގުރިއެއް ފަދަ ރަންއަޑު، ކްރީމްގެ މުޙައްމަދު މާޖިދު އިއްޔެ ދިވެހިންނާ ވަކިވެ ދިޔަ ނަމަވެސް، މެޒޯގެ އެފަދަ ކިތަންމެ ރީތީ އެތަކެއް ހަނދާންތަކެއް ދިވެހީންނަށް މިއަދު އެދިޔައީ ދޫކޮށްފައެވެ. "އުޑުން ތަރިތައް،" "މަސްތު"، "ވިސްނާ ވިސްނާ،" "ރޯޅި"، "ޖިސްމު ނެތިގެން ގޮސް"، "އެޅިމި ކަނޑުމަތި،" ފަދަ އެތަކެއް ރީތި ހަނދާންތަކެކެވެ. މިއީ 90ގެ އަހަރުތަކުން ފެށިގެން މިއަދާ ހަމައަށް ވެސް ދިވެހީން ތައުރީފުކޮށް، އުފަލާއެކު އަޑު އަހަމުން އައި މެޒޯގެ ހިތްގައިމު ބައެއް ލަވަތެކެވެ.
އެ ލަވަތަކުގެ ތެރެއިން ވެސް، ކުޅަދާނަ ފިލްމު ޕްރޮޑިއުސަރު މުޙައްމަދު ނިޔާޒް (ޓެޑްރީ) ޑައިރެކްޓްކުރި "ޓެންތު" އަލްބަމްގައި ހިމެނޭ ވިސްނާ ވިސްނާ އަކީ ރާއްޖޭގެ ތާރީޚުގައި ވެސް ދުނިޔޭގެ އެންމެ ވަރުގަދަ މިޔުޒިކް ޗެނަލް ކަމުގައިވާ "އެމްޓީވީން" ދެއްކި ފުރަތަމަ ދިވެހި ލަވައެވެ.
މީގެ އިތުރަށް އޭނާގެ ބޭބެ އަބްދުލް މަޖީދު ލިޔުނު ބައެއް ލަވަތައް ކަމުގައިވާ "ކަމަނަ ގޯތީ އާދަނު" އަދި "އަކިރި ދެމޭ" ފަދަ ރީތި ޅެންތަކަށް ދިރުން ގެނެސްދިނީ ވެސް މެޒޯއެވެ. މި ލަވަތަކަކީ ވެސް މިއަދު ރާއްޖޭގައި ނުހަނު މަޝްހޫރު އަދި ގިނަ ބަޔަކު ކިޔައި އުޅޭ ލަވަތެކެކެވެ.
45 އަހަރު މިޔުޒިކަށް ޚިދުމަތްކޮށް، މުޅި ގައުމު ރޮށްވާލާފައި މިއަދު މެޒޯ ވަކިވެ ދިޔަ ނަމަވެސް، މެޒޯގެ ހަނދާންތަކަށް ފަނޑުވުމެއް ނެތެވެ. ޅެންވެރިޔާ ވިދާޅުވެފައިވާ ފަދައިންނެވެ.
”ޚިދުމަތެއް ކުޅަ ނަމަ އެ ޚިދުމަތް ދާއިމަށް ދިރިދިރިމެވާށި،
ވިދުމުގައި ގަދަރާ ނަމާ އަބަދަށް ޓަކައި ގާއިމުވެދާށި“
”ދާދި އަވަހަށް ނެތި ފަނާވިޔަކަސް އަގެއްނެތް ޖިސްމުތައް،
ތާއަބަދު ދެމިހުންނަ ހެޔޮ ޒިކުރާ އަކަށް ނިމުމެއްނެތޭ،"